
ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގ އަންނަ ފެބުރުވަރީ މަހު ބާއްވަނީ
01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތައް އަންނަ ފެބުރުވަރީ މަހު ފެށުމަށް ނިންމައިފިއެވެ.
މިގޮތުން އޯ.ޓީ.ޖޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރު ޖަލުތަކުގައި ތިބި ގައިދީންގެ ބަޔާންތައް ނެގުމަށް 26 ފެބުރުވަރީ 2023 އިން 04 މާރިޗު 2023ގެ ނިޔަލަށް އަޑުއެހުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، މިކަމާ ގުޅޭ އިތުރު އަޑުއެހުންތަކެއް މާލޭ ސިޓީގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މާލޭ ސިޓީގެ އަޑުއެހުންތައް ބާއްވާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެ ކަމުގައިވެސް އޯ.ޓީ.ޖޭ އިން ހާމަކޮށްފައިވެއެވެ.
އޯ.ޓީ.ޖޭ އިން މިއަދު ކުރި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މި އަޑުއެހުންތަކާ ގުޅޭ މަޢުލޫމާތު އޯ.ޓީ.ޖޭގެ އޮފީހުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ޢާންމުކުރެވޭނެ ކަމަށެވެ.