ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާކަމަށް ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގެ މާލޭ ބައިގެ ޕްރީ-މީޓިންގތައް ނިންމާލައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޖަލުތަކުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިނގާފައިވާކަމަށާއި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތައް ކޮށްފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޢާންމުކޮށް ހުޅުވާނުލައި މާލޭ ސިޓީގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކާ ގުޅިގެން ބާއްވާ ޕްރީ-މީޓިންގތައް ނިންމާލައިފިއެވެ.

މިގޮތުން 17 އޭޕްރީލް 2023 އިން 18 އޭޕްރީލް 2023ގެ ނިޔަލަށް އޯ.ޓީ.ޖޭގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި ޖުމުލަ 16 ފަރާތަކާ ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާ އަޑުއެހުންތަކާ ގުޅޭގޮތުން ބަންދުގައި ތބި ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އެ ފަރާތްތަކުގެ ޙާލަތު ބެލުމާއި، މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް އިޢުތިރާޟެއް ނެތްކަމުގެ އިޤުރާރާ ގުޅޭ މަޢުލޫމާތާއި، އިޤުރާރުގައި ސޮއިކުރުވުމުގެ އިތުރުން އަޑުއެހުންތަކުގައި ބަޔާންދޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ކިޔައިދިނުމެވެ. މިގޮތުން މި ދަތުރުގައި ޖުމުލަ 26 ފަރާތަކާއެކު ބައްދަލުވުންތައް ބޭއްވިފައިވެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާކަމަށް ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގެ ފުރަތަމަ ބައި 26 ފެބުރުވަރީ 2023 އިން 4 މާރިޗު 2023ގެ ނިޔަލަށް ކ. މާފުށީ ޖަލުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.