އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހިރާއްޖޭގެ ބާ ކައުންސިލާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހިރާއްޖޭގެ ބާ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށެވެ.

މި ބައްދަލުކުރެއްވުމުގައި، މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވަކީލުން ބޭނުންވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، މި އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ކައުންޓަރުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މިއަދުގެ ބައްދަލުވުމުގެ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ފަރާތުން އެ ކައުންސިލްގެ ރައީސް، އަލްއުސްތާޛް މައުމޫން ހަމީދާއި، ނައިބު ރައީސް، އަލްއުސްތާޛް ޢަބްދުﷲ މުޢިއްޒާއި، އެގްޒެކެޓިވް ކޮމިޓީގެ ތިން މެންބަރުން ކަމަށްވާ އަލްއުސްތާޛް އަޙުމަދު މުޢިއްޒާއި، އަލްއުސްތާޛް މުޙައްމަދު ފައިސަލް އަދި އަލްއުސްތާޛާ އަނާރާ ނައީމްގެ އިތުރުން ޖެނެރަލް ކައުންސެލް، އަލްއުސްތާޛް މުޙައްމަދު ނިޝާތު ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މި އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އޮމްބަޑްސްޕަރސަނުންނާއި، އިންވެސްޓިގޭޓަރ، އަލްއުސްތާޛް އަޙުމަދު ފިކުރީ އާއި މީޑިއޭޓަރ، އަލްއުސްތާޛާ ނަޖުމާ އަޙުމަދެވެ.