އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހިރާއްޖޭގެ އަޑާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހިރާއްޖޭގެ އަޑާ  ބައްދަލުކުރައްވައިފި އެވެ.

މިއަދު އޮންލައިންކޮށް ބޭއްވި މި ބައްދަލުކުރެއްވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ މީޑިއާ ކެމްޕެއިނާއި ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި ދިވެހިރާއްޖޭގެ އަޑުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ވަނީ ދެއްވައިފައެވެ. އަދި މި އޮފީހުގެ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން އަބަދުވެސް އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވައި، އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ޝާކިރާއި ރޭޑިއޯ ޕްރޮގްރާމްސްގެ މެނޭޖަރ، އަލްފާޟިލް ނަސްރުﷲ އިދްރީސެވެ. އަދި މި ބައްދަލުކުރެއްވުމުގައި މި އޮފީހުގެ ފަރާތުން އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ އަދި ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، އަލްފާޟިލާ ޢާއިޝަތު ފަޠުޙީ ބައިވެރިވެލެއްވިއެވެ.