އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ މެންބަރުންނަށް ދެއްވައިފައެވެ. މީގެ އިތުރުން، މި އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ބަދަލުކުރެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ މެންބަރުން ވަނީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ބޭނުންވާ އެންމެހައި އެއްބާރުލެއްވުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުވުމުގައި އެ ކޮމިޝަންގެ މެންބަރުން އަލްފާޟިލާ މަރިޔަމް މުނާ އާއި ޑރ. އަޙްމަދު އަދްހަމް ޢަބްދުﷲ އާއި އަލްފާޟިލާ މޫމިނާ ވަޙީދާއި، އަލްފާޟިލާ އާމިނަރު ޝިފާތު ޢަބްދުލް ރައްޒާޤު އަދި އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި، އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ އާއި ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޔާމީން އަދި ލީޑް އިންވެސްޓިގޭޓަރ، އަލްއުސްތާޛާ މަރިޔަމް ސައީދުވެސް މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.