
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާ ބައްދަލުކުރައްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އިސްވެރިންނާ ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން، މި އޮފީހާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ބަދަލުކުރެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ތަހުމީލާ އިބްރާހީމާއި، އެސިސްޓެންޓް ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު އަބޫބަކުރުގެ އިތުރުން އެ ޑިޕާޓްމަންޓްގެ ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ، އަލްފާޟިލާ ޢާއިޝަތު ރަޝީދާ ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބު މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.