އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަދާހަމަ ރައީސް މުޙައްމަދު ނަޝީދަށް ދެއްވައިފައެވެ. މީގެ އިތުރުން، މި އޮފީހުގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް މުޙައްމަދު ނަޝީދުވަނީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ބޭނުންވާ އެންމެހައި އެއްބާރުލެއްވުމާއި އެހީތެރިކަން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުވުމުގައި ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފްގެ އަރިހުގައި އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ އާއި ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޔާމީނާއި، ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ ފާޠިމަތު ނަފްޢަތު ޢަބްދުލްވައްޙާބް އަދި ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، އަލްފާޟިލާ ޢާއިޝަތު ފަތުޙީ ބައިވެރިވެލެއްވިއެވެ.