އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހަޅާ ފޯމާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމުތަކާއި، އޮފީހުގެ ލުއިފޮތް، ފުލުހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ ތެރެއިން މި އޮފީހަށް މައްސަލަ ހުށަހަޅުއްވާ ފަރާތްތަކަށް އޮންލައިންކޮށް އަޑުއެހުންތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު 13 ޖޫން 2021 ވަނަ ދުވަހު ހުޅުވަލުމާ ގުޅިގެން، ވީހާވެސް ގިނަ ރައްޔިތުންނަށް ފޯމުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި އޮފީހުން ދަނީ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.