އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މުއައްސަސާތަކުގެ އިސްވެރިންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އިން ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ އިއްޔެ ކަސްޓަމްސް ބިލްޑިންގައެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އޯ.ޓީ.ޖޭގެ މަޤްޞަދުތަކާއި މަސްއޫލިއްޔަތުތައް އޮޅުން ފިލުވައިދިނުމާއި، މަޤުސަދު ހާސިލުކުރުމަށާއި މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް މުއައްސަސާތަކުން ކުރެވިދާނެ ކަންކަން ދެނެގަތުމާއި، ޤާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތައް، މިނިވަންކަމާއެކު ދެފުށް ފެންނަގޮތަށް، އެކަށީގެންވާ އަވަސް މިނެއްގައި ބަލާ ނިންމުމުގައި ހިނގާ މަރުޙަލާތަކުގެ ތަފުސީލު ދިނުން އިންވެސްޓިގޭޓަރުންގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތާއި ދިމާވާ ގޮންޖެހުންތަކާއި ހިރާސްތަކަށް ކުރުގޮތަކަށް އަލި އަޅުވާލުމާއި، ޞުލްޙަ މަރުހަލާ ކުރިއަށް ގެންދާގޮތާއި މުއައްސަސާތަކުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހިއްސާކުރުމާއި އެކަން އެންމެ ފުރިހަމައަށް ގެންދިއުމަށް މަޝްވަރާ ކުރުން ހިމެނެއެވެ.

އޯ.ޓީ.ޖޭގެ މަސައްކަތްތަކަށް ޢާންމުންނާއި ދައުލަތުގެ މުއައްސަސާތައް އަހުލުވެރިކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.