އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ބައްދަލުކުރައްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އިން މިއަދު ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުޅާ ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ އޯ.ޓީ.ޖޭގެ އިޚްތިޞާޞާއި މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވައިފައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން އޯ.ޓީ.ޖޭ އަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާ އަޑުއެހުންތަކާއި، މި މައްސަލަތަކާ ގުޅިގެން އޮފީހުން ތައްޔާރުކުރުމަށް ނިންމަވާފައިވާ ޑޮކިއުމަންޓަރީއާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިގޮތުން، އޯ.ޓީ.ޖޭ އިން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މި މުހިންމު މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުގެ އިތުރުން މާލެ ސަރަޙައްދުގެ ޖަލުތަކުގެ ކޮމިޝަނަރުން ވަނީ ބައިވެރިފައެވެ. އަދި، މި އޮފީހުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެލެއްވީ ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި، އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، އިންވެސްޓިގޭޓަރ، އަލްއުސްތާޛާ ސަމާހަތު ޢަބްދުއްލަޠީފާއި، އިންވެސްޓިގޭޓަރ، އަލްފާޟިލާ ޙައްވާ ޝާހިރާއާއި، މީޑިއޭޓަރ، އަލްފާޟިލާ ފާޠިމަތު ފަޒުނާއާއި، މީޑިއޭޓަރ، އަލްއުސްތާޛާ ނަޖުމާ އަޙުމަދާއި، ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، ޢާއިޝަތު ފަތުޙީގެ އިތުރުން ބިއުރޯ އެގްޒެކެޓިވް، މުޙައްމަދު ސަރާޙެވެ.