
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ނޭޝަނަލް ޑްރަގް އޭޖެންސީއާ ބައްދަލުކުރައްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އިން ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) އާ ބައްދަލުކުރައްވައިފިއެވެ.
މިއަދު އެން.ޑީ.އޭގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮމްބަޑްސްޕަރސަން އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފް ވަނީ އޯ.ޓީ.ޖޭގެ އެދުމަކަށް ބައްދަލުވުން އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި އެން.ޑީ.އޭގެ އިސްވެރިންނަށް ޝުކުރު ދަންނަވައިފައެވެ. މީގެ އިތުރުން ޗީފް އޮމްބަޑްސްޕަރސަން ވިދާޅުވީ އޯ.ޓީ.ޖޭ އަކީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސްހިންގުންތެރިއަކު އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އެކަމަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ މުއައްސަސާއެއް ކަމުގައެވެ. އަދި، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ މަޤްޞަދު ޙާސިލުކުރުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމުގައިވެސް ޗީފް އޮމްބަޑްސްޕަރސަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށު ދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭގޮތުން އޯ.ޓީ.ޖޭ އިން އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭގޮތުން އެން.ޑީ.އޭއާއެކު މަޝްވަރާކުރެއްވުމެވެ. މިގޮތުން، މި އަޑުއެހުންތަކާ ގުޅިގެން އޯ.ޓީ.ޖޭ އިން މާލެއާއި މާލެ ކައިރި ސަރަޙައްދުތަކުގެ ޖަލުތަކަށް ކުރި ޒިޔާރަތްތަކުގެ ތެރެއިން ބައްދަލުކުރި ގައިދީން ޙިއްސާކުރި މަޢުލޫމާތުގެ އަލީގައި، އެން.ޑީ.އޭގެ ފަރުވާ ޕުރޮގުރާމުން ޓާމިނޭޓްކުރުމުގައި ޢަމަލުކުރާ އުޞޫލުތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ޗީފް އޮމްބަޑްސްޕަރސަންގެ އަރިހުގައި ހެޑް އޮފް ޓެކްނިކަލް ސަޕޯޓް، އަލްއުސްތާޛާ މަރްޔަމް ނިހާޔަތާއި، މީޑިއޭޓަރ، އަލްއުސްތާޛާ ނަޖުމާ އަޙުމަދު އަދި ބިއުރޯ އެގްޒެކެޓިވް، އަލްފާޟިލް މުޙައްމަދު ސަރާޙް ބައިވެރިވެލެއްވިއެވެ. އަދި، އެން.ޑީ.އޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ އޭޖެންސީގެ ސީ.އީ.އޯ، އަލްއުސްތާޛް އިމާދު ޞާލިޙާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ޢާއިޝަތު މެހެރީނާއާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ރަތީބާ މުޙައްމަދާއި، ޑިރެކްޓަރ، އަލްފާޟިލާ މަރިޔަމް އަސްރާއާއި، ލީގަލް އޮފިސަރ، އަލްއުސްތާޛް އަޙުމަދު ހިލްމީގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަލްފާޟިލާ އިޝާ ޢަލީއެވެ.