
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާ ބައްދަލުކުރައްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ އާ ބައްދަލުކުރައްވައިފި އެވެ.
މިއަދު އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށް ބޭއްވި މި ބައްދަލުކުރެއްވުމުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަންހެން ހެކިންނަށް ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބުނު ފަރާތްތަކަށް ވިކްޓިމް ސަޕޯޓް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރެއްވިފައެވެ.
މީގެ އިތުރުން، މި އޮފީހާއި އެ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެ މުއައްސަސާގެ ދެމެދުގައި އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު 13 ޖޫން 2021 ވަނަ ދުވަހު ހުޅުވަލުމާ ގުޅިގެން، ވީހާވެސް ގިނަ ރައްޔިތުންނަށް ފޯމުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި އޮފީހުން ދަނީ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.