
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާ ބައްދަލުކުރައްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ އާ ބައްދަލުކުރައްވައިފި އެވެ.
މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މި އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން، މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރެއްވިފައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު 13 ޖޫން 2021 ވަނަ ދުވަހު ހުޅުވަލުމާ ގުޅިގެން، ވީހާވެސް ގިނަ ރައްޔިތުންނަށް ފޯމުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި އޮފީހުން ދަނީ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.