އޯ.ޓީ.ޖޭގެ މުވައްޒަފުންނަށް ފުރަތަމަ އެހީ ދިނުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފުރަތަމަ އެހީ ފޯރުކޮށްދިނުމާ ގުޅޭ ތަމްރީނު ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ނަންގަވައިދެއްވި މި ސެޝަންގައި ފުރަތަމަ އެހީގެ އަސާސީ އުކުޅުތަކާއި، ސިއްޙީ ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ ކުރާނެ ކަންތައްތައް ވަނީ ދަސްކޮށްދީފައެވެ.

މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި އެންމެ ގިނައިން ދިމާވާ މުހިންމު ކުއްލި ޙާލަތްތަކުގައި ޑީފައިބްރިލޭޓަރ ބޭނުންކުރާނެ ގޮތާއި، ސީ.ޕީ.އާރު ހެދުމާއި، އަނިޔާ އާއި ޒަޚަމުތަކަށް ފަރުވާދިނުމާއި، ހޭނެތުމާއި ނޭވާލާ ނިޒާމަށް ހުރަސްއަޅާފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ.

އަދި، އެލާމް ޖަހައި، ލައިފް ސަޕޯޓް ހޯދުމަށް މަސައްކަތް ކުރެވިދާނެ ގޮތްތައްވެސް ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ.