
މައްސަލަތައް ބަލައިގަތުމަށްޓަކައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ރިސެޕްޝަން މިރޭ 12:00 އަށް ހުޅުވާފައި ބެހެއްޓުމަށް ނިންމަވައިފި
ނިޒާމީ ސިފައެއްގައި ރާވައިގެން، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސި މިނިވަންކަމާ ޚިލާފަށް ދަޢުލަތުގެ މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ހިންގާފައިވާ ޢަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އިން ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާތީ އާއި، އަދިވެސް ގިނަ އަދަދެއްގެ މައްސަލަތަކެއް ހުށަހެޅެމުންދާތީ، ވީހާވެސް ގިނަ ޢާންމުންނަށް މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިރޭ 12:00 އާ ހަމައަށް އޮފީހުގެ ރިސެޕްޝަނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމައިފައެވެ.
އޯ.ޓީ.ޖޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ފަރާތަކުން މި އޮފީހަށް މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މިރޭގެ ނިޔަލަށް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް complaints@otj.gov.mv އަށް މައްސަލަތައް ހުށަހެޅުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އޯ.ޓީ.ޖޭ އިން ވަނީ އެ އޮފީހުގެ މަސައްކަތްތަކަށް އެންމެހައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުން ފާހަކޮށް ޝުކުރު ދަންނަވައިފައެވެ.