ތަޙުޤީޤުކުރުމުގެ ހުނަރުތަކާ ގުޅޭ ތަމްރީނުގެ ތިންވަނަ ސެޝަން ކުރިއަށްގެންގޮސްފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ)ގެ އިންވެސްޓިގޭޓަރުންނަށް އަމާޒުކޮށްގެން ތަޙުޤީޤުކުރުމުގެ ހުނަރުތަކާ ގުޅޭ ތަމްރީނު ޕުރޮގުރާމުގެ ތިންވަނަ ސެޝަން ބާއްވައިފިއެވެ. މި ސެޝަން ނަންގަވައިދެއްވާފައިވަނި އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފިސް (އޯ.އެޗް.ސީ.އެޗް.އާރް)ގެ ހިއުމަން ރައިޓްސް އޮފިސަރ، ހާޖަރު ބުއަހިޔާއެވެ.

މި ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ، ތަޙުޤީޤު މަރުޙަލާ ކުރިއަށް ގެންދިއުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ޢަމަލުކުރުމަށް ބާރުއަޅައި، ހެއްކާއި ޤަރީނާ ހޯދުމުގައި އެކަމުގެ ޤާނޫނީ ތަރަޙައިގެ ތެރެއިން ހެދިފައިވާ އުޞޫލުތަކާއި އެއްގޮތައް ޢަމަލުކުރުމަށް ކަންކުރާނެ ގޮތް ކިޔައިދީފައެވެ.

މީގެ އިތުރުން، ޙަޤީޤަތައް ވާސިލްވުމުގައި އެކަމުގެ ސީދާ ތެދު ހޯދުމާއި، ބަދަލުދިނުމާއި ސުލްހަކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނީ މިންގަނޑުތަކާއި ވާޖިބުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންސާފުވެރި ތަޙުޤީޤެއް ކުރިއަށްގެންދާނެ ގޮތްތައްވެސް މި ސެޝަންގެ ތެރެއިން ބައިވެރިންނަށް ކިޔައިދީފައިވެއެވެ.

މިއީ އިންވެސްޓިގޭޓަރުންގެ ހުނަރު މުއްސަނދިކުރުމަށް ސިލްސިލާކޮށް ގެންދެވުނު ތިންވަނަ ތަމްރީނެވެ.