ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގ ފަސްކޮށްފި

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ އިން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގ ފަސްކޮށްފިއެވެ.

އެކަން ހާމަކޮށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައި ވަނީ 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ މި އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ޕަބްލިކް ހިއަރިންގތައް ބާއްވާ ތާރީޚްތަކަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

މިގޮތުން، އިސްވެދެންނެވުނު މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މާރިޗު މަހުގެ 19 އިން 22 ވަނަ ދުވަހު ގދ. ތިނަދޫގައާއި މާރިޗު މަހުގެ 27 ވަނަ ދުވަހު މާލޭ ސިޓީގައި ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ޕަބްލިކް ހިއަރިންގތަކަކީ އޯ.ޓީ.ޖޭ އިން ބަލާ މައްސަލަތަކުގައި އިތުރު ފަރުވާއެއް ހޯދައިދިނުމަށް ނުވަތަ އޮފީހުގެ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ނުވަތަ އެ ފަރާތްތަކުގެ ވާހަކަތައް ޢާންމުންނާ ޙިއްސާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ޢާންމުންނަށް ހުޅުވާލައިގެން ނުވަތަ ހުޅުވާނުލައި ބާއްވާ އަޑުއެހުންތަކެކެވެ.