
“ޕްރިވެންޝަން އެންޑް ގެރެންޓީސް އޮފް ނޮން-ރިކަރަންސް – ދަ ރޯލް އޮފް ޓްރާންސިޝަނަލް ޖަސްޓިސް އޮފީސް” ޓްރެއިނިންގައި އޯ.ޓީ.ޖޭގެ ދެ މުވައްޒަފަކު ބައިވެރިވެއްޖެ
“ޕްރިވެންޝަން އެންޑް ގެރެންޓީސް އޮފް ނޮން-ރިކަރަންސް – ދަ ރޯލް އޮފް ޓްރާންސިޝަނަލް ޖަސްޓިސް އޮފީސް”ގެ ނަމުގައި އިންޓަރނޭޝަނަލް ސެންޓަރ ފޮރ ޓްރާންސިޝަނަލް ޖަސްޓިސް (އައި.ސީ.ޓީ.ޖޭ) އިން ކުރިއަށްގެންދިޔަ ވެބިނަރގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ)ގެ ދެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.
މި ވެބިނަރ އަކީ އެކި ޒަމާންތަކުގައި ނިޒާމީ ގޮތެއްގައި އިންސާނީ ޙައްޤުތައް ނިގުޅައިގަތުމާއި ލާއިންސާނީ ޢަމަލުތައް ހިންގުން މަދުކޮށް، އެފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކަށް ހައްލެއް ހޯދުމަށް އައި.ސީ.ޓީ.ޖޭ އިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި ބައިވެރިންނަށް އުނގަންނައިދިނީ، ކަންކަން ޙައްލުކުރުމުގައި އިންތިޤާލީ އިންސާފުގެ ދައުރުގެ މުހިންމުކަމާއި، މުސްތަޤްބަލުގައި އިންސާނީ ޙައްޤުތައް ނިގުޅައިގަތުން ހުއްޓުވުމާއި، ޤާނޫނުގެ ވެރިކަން ހަރުދަނާކުރުމާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، ޞުލްޙައާއި ތަރައްޤީ ދެމެހެއްޓުމުގައި ޙިއްޞާވެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމުގެ މުހިންމުކަމެވެ. އެގޮތުން މިފަދަ ޢަމަލުތައް ތަކުރާރު ނުވާނެކަން ޔަޤީންކުރުމަށްޓަކައި މުޖުތަމަޢުގެ އިންޓަރވެންޝަންތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި، ޤާނޫނުގެ ޙިމާޔަތަށް ތަބާވުން ހިމެނޭކަން ފާހަގަ ކުރެވުނެވެ.
އަދި ތާރީޚުގެ ތައުލީމާއި ވިކްޓިމް ސަޕޯޓާއި ކައުންސެލިންގެ އިސްލާހުތަކާއި، ސަގާފީ އަދި ފަންނުވެރިކަމުގެ އިސްނެގުމާއި، ޒުވާން ޖީލަށް ދަސްވާނެ ހާދިސާތައް ހަނދާނުގައި ބެހެއްޓުމާއި އަރުޝީފުކުރުމުގެ މައްޗަށް ބިނާކޮށް ލަފާ ދިނުމަށް ވެސް ވެބިނާގައި އަލިއަޅުވާލާފައިވެ އެވެ. 14 މާރިޗު 2022 އިން 18 މާރިޗު 2022ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ވެބިނަރގައި މި އޮފީހުގެ ފަރާތުން ބައިވެރިވެފައިވަނީ ސީނިއަރ އިންވެސްޓިގޭޓަރ، އަލްއުސްތާޛާ މަރިޔަމް ސައީދު އަދި އިންވެސްޓިގޭޓަރ، މުޙައްމަދު އިބްރާހިމެވެ.