01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިޔަ އަޑުއެހުންތައް ނިންމާލައިފިއެވެ.
މި ކްލޯޒްޑް ހިއަރިންގެ ނިންމުން ފާހަގަކުރުމަށްޓަކައި މިއަދު ހެނދުނު ކ. މާފުށީ ޖަލުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފް ވިދާޅުވީ ކ. މާފުށީ ޖަލުގައި ހަފުތާއެއް ވަންދެން މިކުރެވުނީ ކުޑަ މަސައްކަތެއް ނޫން ކަމަށާއި، ޢާންމު މަޞްލަޙަތު ހިމެނޭ މުހިންމު މައްސަލައެއްގެ ޙަޤީޤަތް ހޯދުމަށްޓަކައި ވަރަށް ބުރަކޮށް އޯ.ޓީ.ޖޭގެ މުވައްޒަފުން މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަމަށްޓަކައި އެންމެހައި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
“މިއަދު މި އަޑުއެހުންތައް ނިންމާލެވުނު ނަމަވެސް، މި މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމަށް ބެލެވޭނީ މި މަޢުލޫމާތުތަކުގެ އަލީގައި މިކަމުގެ ޙަޤީޤަތް ދެނެގަނެ، މިފަދަ ޢަމަލުތައް ކުރިއަށް އޮތް ތަނުގައި ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސަސާތަކަށް ރަނގަޅު ހުށަހެޅުންތަކެއް ހުށަހެޅިގެން”، ޗީފް އޮމްބަޑްސްޕަރސަންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، މި އަޑުއެހުންތައް ކާމިޔާބުކަމާއެކީ ކުރިއަށްގެންގޮސް ނިންމާލުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ކ. މާފުށީ ޖަލުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޗީފް އޮމްބަޑްސްޕަރސަން ވަނީ ޝުކުރު ދަންނަވައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސް ވިދާޅުވީ މި ކްލޯޒްޑް ހިއަރިންގ އަށް ތައްޔާރުވުމުގެ ގޮތުން ދުރާލާއި ކަންތައްތައް ރާވައި، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މި ކްލޯޒްޑް ހިއަރިންގއާއި މި މައްސަލަތަކާ ގުޅޭގޮތުން ކުރެވޭ އެހެނިހެން މަސައްކަތްތަކުގެ އަލީގައި ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޮމްބަޑްސްޕަރސަން އަލްއުސްތާޛާ ޖިހާދާ އަނީސް ވިދާޅުވިއެވެ.
26 ފެބުރުވަރީ 2023 އިން 04 މާރިޗު 2023ގެ ނިޔަލަށް ކ. މާފުށީ ޖަލުގައި ކުރިއަށްގެންދެވުނު ކްލޯޒްޑް ހިއަރިންގައި ޖުމުލަ 24 ފަރާތެއްގެ ބަޔާން ވަނީ ނަގާފައިވާއިރު، މި 24 ފަރާތަށްވެސް އަޑުއެހުމުގެ ކުރިންނާއި ފަހުން ވަނީ ވިކްޓިމް ސަޕޯޓް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، މި އަޑުއެހުންތަކާ ގުޅިގެން އޯ.ޓީ.ޖޭ އިން ކުރިއަށްގެންދިޔަ ޕްރީ-މީޓިންގތަކަށް ރިޢާޔަތްކޮށް، ސައިކޯސޯޝަލް ސަޕޯޓް ބޭނުންވާ 09 ފަރާތެއް ފާހަގަކޮށް، އޭގެތެރެއިން 07 ފަރާތްތަކާ މި އޮފީހުގެ ވިކްޓިމް ސަޕޯޓް ކޮންސަލްޓަންޓް ބައްދަލުކުރައްވައި، ސެޝަންތައް ކުރިއަށްގެންދަވާފައިވެއެވެ. އަދި، މި އަޑުއެހުންތަކުގައި ބަޔާންދީފައިވާ ފަރާތްތަކުގެ ތެރެއިން ނަފްސާނީ ގޮތުން އިތުރު އެހީ ބޭނުންވަކަމަށް 04 ފަރާތެއް ފާހަގަވެފައިވާތީ، އެކްސްޓަރނަލް ރިފަރަލް ހެދުަމަށް ވިކްޓިމް ސަޕޯޓް ކޮންސަލްޓަން ވަނީ ލަފާދެއްވައިފައެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި ޚިލާފު، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން މާލޭ ސިޓީގައިވެސް އިތުރު އަޑުއެހުންތަކެއް ކުރިއަށްގެންދިއުމަށް އޯ.ޓީ.ޖޭ އިން ވަނީ ނިންމައިފައެވެ. މި އަޑުއެހުންތަކުގެ ތެރެއިން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން މި އޮފީހުގެ އިޚްތިޞާޞްގެ މުއްދަތުގެ ތެރޭގައި ހައްޔަރުކޮށް ބަންދުކުރުމުގެ އެކި މަރުޙަލާތަކުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ ޢަމަލުތަކުގެ ސަބަބުން، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަނެފައިވޭތޯއާއި، އަނިޔާ ކުރުމުގެ ޢަމަލުތައް ހިނގާފައިވޭތޯއާއި، އެފަދަ ޢަމަލުތައް ހިނގާފައިވާ މިންވަރު ބެލިގެންދާނެއެވެ.
މީގެ އިތުރުން، މި އަޑުއެހުންތަކުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުން އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ އެހެނިހެން ފަރާތްތަކަށް އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުޞަތުދީ، މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި މައްސަލަތަކުގެ ވަށައިގެންވާ އެހެނިހެން ކަންކަން ދެނެގަތުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، އަނިޔާގެ ޢަމަލުތައް މަނާ ކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކުގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލެވިގެންދާނެއެވެ.