ޖަލުތަކުގައި ހިނގާފައިވާ އަނިޔާތަކާ ގުޅޭގޮތުން މާލޭގައި ކުރިއަށްގެންދިޔަ އަޑުއެހުންތައް ނިންމާލައިފި

01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޢާންމުކޮށް ހުޅުވާނުލައި މާލޭގައި ކުރިއަށްގެންދިޔަ އަޑުއެހުންތައް ނިންމާލައިފިއެވެ.

މި އަޑުއެހުންތައް 22 މޭ 2023 އިން 31 މޭ 2023ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވީނަމަވެސް، ބަޔާންދިނުމަށް ނަން ނޯޓުކުރެއްވި ބައެއް ފަރާތްތަކުން އަޑުއެހުމަށް ހާޟިރުނުވުމުގެ ސަބަބުން، މި އަޑުއެހުންތަކުގައި ނެގުމަށް ހަމަޖެހިފައިވާ ބަޔާންތައް ނަގައި މިއަދު ވަނީ ނިމިފައެވެ. މިގޮތުން މި އަޑުއެހުމުގައި ޖުމުލަ 23 ފަރާތެއްގެ ބަޔާން ވަނީ ނަގާފައިވާއިރު، މި 23 ފަރާތަށްވެސް އަޑުއެހުމުގެ ކުރިންނާއި ފަހުން ވަނީ ވިކްޓިމް ސަޕޯޓް ފޯރުކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާކަމަށް ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގެ ފުރަތަމަ ބައި 26 ފެބުރުވަރީ 2023 އިން 4 މާރިޗު 2023ގެ ނިޔަލަށް ކ. މާފުށީ ޖަލުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެ އަޑުއެހުންތަކުގައި 24 ފަރާތެއް ބަޔާން ނަގާފައިވެއެވެ.