ޖަސްޓިސް ރެޕިޑް ރެސްޕޮންސްގެ ޕްރޮގްރާމް އޮފިސަރ، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަނުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިންސާނީ ޙައްޤުތަކާއި އިންސާނިއްޔަތާ ޚިލާފަށް ހިންގާ ޢަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖައްމިޔާއެއް ކަމަށްވާ ޖަސްޓިސް ރެޕިޑް ރެސްޕޮންސްގެ ޕްރޮގްރާމް އޮފިސަރ، މިސް. ޖޮއިސް މުތޯކާ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަނުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

 

އިއްޔެ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަނުން ވަނީ މި އޮފީހުގެ އިޚްތިޞާޞާއި މަސްއޫލިއްޔާތާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މިސް. މުތޯކާ އަށް ދެއްވައިފައެވެ. އަދި ޖަސްޓިސް ރެޕިޑް ރެސްޕޮންސް އާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތަކަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި، ޚާއްޞަކޮށް އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ވިކްޓިމް ސަޕޯޓް ފޯރުކޮށްދިނުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

 

މި ބައްދަލުވުމުގައި މިސް. ޖޮއިސް މުތޯކާގެ އަރިހުގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަންގެ މެންބަރ، އަލްއުސްތާޛާ ފަރީޝާ ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި، އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސްގެ އިތުރުން ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، އަލްފާޟިލާ ޢާއިޝަތު ފަތުޙީ އެވެ.