1962 ވަނަ އަހަރު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގ ފަށައިފި

1962 ވަނަ އަހަރު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގތައް މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މި އަޑުއެހުންތައް ފައްޓަވައިދެއްވަމުން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މިއަދު ފެށިގެން މިދާ ޕަބްލިކް ހިއަރިންގތައް، ނުވަތަ ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކަކީ މި އޮފީހުން ބަލާ މައްސަލަތަކުގައި އިތުރު ފަރުވާއެއް ހޯދައިދިނުމަށް، ނުވަތަ އޮފީހުގެ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާޓު ހޯދުމަށް، ނުވަތަ އެ ފަރާތްތަކުގެ ވާހަކަތައް ޢާންމުންނާ ޙިއްސާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ބާއްވާ އަޑުއެހުންތަކެކެވެ. އަދި، މި އަޑުއެހުންތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކަކީ، އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް ޢާންމުކޮށް ހާމަކުރުމާއި، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމާއި، މާޒީގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު މައްސަލަތަކުގެ ޙަޤީޤަތް ހާމަކުރުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ މައްސަލަތަކުގެ މަޢުލޫމާތު ޢާންމުންނާ ހިއްސާކުރުން އަދި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކަށް ޢާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން އޮފީހުން ތަޙުޤީޤުކުރާ މައްސަލަތަކަށް މަޢޫލޫމާތު ހޯދުން ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު ފެށި މި އަޑުއެހުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 19 މާރިޗު 2022 އިން 22 މާރިޗު 2022 އަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގދ. ތިނަދޫ ކެމްޕަހުގެ ހޯލުގައެވެ. މި އަޑުއެހުންތައް ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅީގެ އަޑުއެހުންތައް 09:00 އިން 12:00 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ދަންފަޅީގެ އަޑުއެހުންތައް ކުރިއަށްދާނީ 14:30 އިން 18:00 އަށެވެ.