1962 ވަނަ އަހަރު ގދ. ތިނަދޫ އިން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގައި ބަޔާންދިނުމަށް ނަންނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފި

1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ މި އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބޭއްވުމަށް ނިންމާފައިވާ ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އޯ.ޓީ.ޖޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މި މައްސަލަތަކުގެ އަޑުއެހުންތައް މި އަހަރުގެ މާރިޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި އަދި މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މާރިޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރެއްވުމަށް 24 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެ ފަރާތެއްގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރ، ގުޅޭނެ ނަންބަރ، ދާއިމީ އެޑްރެސް، މިހާރު ދިރިއުޅޭ އެޑްރެސް، މި ހާދިސާއާ ގުޅޭގޮތުން ނުވަތަ މަޢުލޫމާތު އެނގޭ ގޮތް، ބަޔާންދޭ ބޭނުންވަނީ ލިޔުމުންތޯ ނުވަތަ ހާޒިރުވެގެންތޯ އާއި ބަޔާންދޭން ބޭނުންވަނީ ގދ. ތިނަދޫގައިތޯ ނުވަތަ މާލޭ ސިޓީގައިތޯ ބަޔާންކޮށް، އޯ.ޓީ.ޖޭގެ ނަންބަރ 7223473 އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދިhearings@otj.gov.mv  އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތުތައް ހިއްސާކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

އަދި، ޕަބްލިކް ހިއަރިންގައި ބައިވެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާއި، ބަޔާންދޭން ނަންނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ފުރުޞަތު ދެވޭނެ ފަރާތްތައް ކަނޑައަޅާނެ ގޮތްވެސް އޯ.ޓީ.ޖޭ އިން ވަނީ ޢާންމުކޮށްފައެވެ.

ޕަބްލިކް ހިއަރިންގތަކަކީ އޯ.ޓީ.ޖޭ އިން ބަލާ މައްސަލަތަކުގައި އިތުރު ފަރުވާއެއް ހޯދައިދިނުމަށް ނުވަތަ އޮފީހުގެ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ނުވަތަ އެ ފަރާތްތަކުގެ ވާހަކަތައް ޢާންމުންނާ ޙިއްސާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ޢާންމުންނަށް ހުޅުވާލައިގެން ނުވަތަ ހުޅުވާނުލައި ބާއްވާ އަޑުއެހުންތަކެކެވެ.