އަލްއުސްތާޛާ މަރްޔަމް ނިހާޔަތު
ހެޑް އޮފް ޓެކްނިކަލް ސަޕޯޓް
އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ޤާނޫނީ ދާއިރާއާ ގުޅިވަޑައިގަތީ 18 ޖުލައި 2005 ގައެވެ. އޭގެ ފަހުން ހިނގާމިދިޔަ މުއްދަތުގައި އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ވަނީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވައި، މަތީ ފަންތީގެ ގިނަ މަޤާމުތަކެއް އަދާކުރައްވާފައެވެ. އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ސްކޫލް ދައުރަށްފަހު، މަސައްކަތުގެ މައިދާނަށް ނިކުމެވަޑައިގެންނެވީ 1997 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށެވެ. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވަނީ އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން (މިހާރުގެ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ) އިން 2005 ގައެވެ. އެއަށްފަހު، ފުލްބްރައިޓް ސްކޮލަރޝިޕެއްގެ ދަށުން އެމެރިކާގެ ޔުނިވަރސިޓީ އޮފް ޕިޓްސްބަރގް ސްކޫލް އޮފް ލޯ އިން ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ.
އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ދިވެހިރާއްޖޭގެ މަދަނީ ކޯޓުގެ ޤާޟީކަމަށް ޢައްޔަނުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވުމާގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން ވަކިވެވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ. މަދަނީ ކޯޓުގެ ޤާޟީކަން 2009 ވަނަ އަހަރުން ފެށިގެން ފަހުން ސިވިލް ކޯޓުގެ ޤާޟީކަމާއެކު 2015 ގެ ނިޔަލަށް އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ހުންނެވީ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައިވެސް މަސައްކަތްކުރައްވާފައެވެ. މިގޮތުން، 2016 ވަނަ އަހަރު އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރުވުމަށްފަހު، ހަމަ އެ އަހަރު ވަނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރެވިފައެވެ. އަދި 2019 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވެއެވެ.
އަލްއުސްތާޛާ މަރްޔަމް ނިހާޔަތު އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާ ގުޅިވަޑައިގެންފައިވަނީ 19 ފެބުރުވަރީ 2023 ގައެވެ.