އަލްއުސްތާޛާ ފާތިމަތު ނަފްޢަތު ޢަބްދުއްވައްޙާބް

ޑިރެކްޓަރ (ޓެކްނިކަލް ސަޕޯޓް)

އަލްއުސްތާޛާ ނަފްޢަތު ޢަބްދުލްވައްޙާބަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ދާއިރާގައި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަސައްކަތްކުރައްވާފައިވާ ވަކީލެކެވެ. އަލްއުސްތާޛާ ނަފްޢަތު ވަނީ ކޯނެލް ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯސް އަދި ޔުނިވަރސިޓީ އޮފް ރީޑިންގ އިން ބެޗެލަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ. އަލްއުސްތާޛާ ނަފްޢަތު އެންމެ ފަހުން އަދާކުރައްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް އަދި ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ އެކްޓިންގ ހެޑްގެ މަޤާމެވެ.
މީގެ އިތުރުން، އަލްއުސްތާޛާ ނަފްޢަތު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައާއި ކޯނެލް ޔުނިވަރސިޓީގައި ރިސާޗް އެސިސްޓެންޓް އަދި ޓީޗިންގ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަަތްކުރައްވާފައެވެ. އަދި ލިބާޓަސް ލޯ އެސޯސިއޭޓްސްގައި އެޓަރނީއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ.
އަލްއުސްތާޛާ ނަފްޢަތު ހިއުމަން ރައިޓްސް ކޮމިޝަންގައި ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ފާސްކުރުމަށް ބާރުއެޅުމަށް ހިންގި ކެމްޕޭން ރާވައި، އިސްކޮށް ޙަރަކާތްތެރިވުމާއި ކުޑަކުދިންގެ ޙައްޤުތަކުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލަށް އިޞްލާޙު ހުށަހެޅުއްވުން ހިމެނެއެވެ.
މީގެއިތުރުން، އަލްއުސްތާޛާ ނަފްޢަތު އިޞްލާޙު ހުށަހެޅުއްވުމުގެ މަސައްކަތްކުރެއްވި އިންސާނީ ޙައްޤުތަކާ ގުޅުންހުރި މުހިއްމު ބިލުތަކުގެ ތެރޭގައި، ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލާއި ޖިނާޢީ އިޖްރާތުގެ ބިލާއި، ހެއްކާއި ބެހޭ ބިލާއި، އެއްވެ އުޅުމުގެ ބިލާއި، މަރުގެ އަދަބު ދިނުމުގެ ބިލާއި، ޤާނޫނުލް އުޤޫބާތު ބިލު ހިމެނެއެވެ. އަދި އަލްއުސްތާޛާ ނަފްޢަތުވަނީ ޖެންޑަރ އިކްއަލިޓީ އެކްޝަން ޕްލޭން އާއި ނެޝަނަލް މެންޓަލް ހެލްތް ޕޮލިސީއަށް އިސްލާޙު ހުށަހެޅުމުގެ މަސައްކަތްވެސް ކުރައްވާފައެވެ.
އަލްއުސްތާޛާ ނަފްޢަތު ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޑްރާފްޓްކުރައްވާފައިވާ ގަވާއިދުތަކުގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަނުން ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެގޮތުގެ ގަވާއިދާއި، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ހިންގާ ގަވާއިދާއި، މައްސަލަތައް ތަޙުޤީޤުކުރާނެގޮތުގެ ގަވާއިދާއި، ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިނާއި، ޕޯސްޓް-މޯޓަމް ހެދުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން ހިމެނެއެވެ. އަދި އަލްއުސްތާޛާ ނަފްޢަތުވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރިއަށްގެންދިޔަ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމުގެ ނޭޝަނަލް އިންކުއަރީގެ ޕަބްލިކް ހިއަރިންގްތަކާއި ރިޕޯޓު އެކުލަވާލުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.