އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ އޮނިގަނޑު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އިދާރީ ގޮތުން ހިންގާނީ ޗީފް އޮމްބަޑްސްޕަރސަން އާއި އޮމްބަޑްސްޕަރސަނުންގެ މަޝްވަރާގެ މަތިން ޑިރެކްޓަރ ޖެނެރަލްއެވެ. އޮފީހުގެ އިދާރީ އޮނިގަނޑުގައިވާ ޑިޕާޓްމަންޓްތައް ހިންގާނީ އެ ޑިޕާޓްމަންޓެއް ހިންގުމަށް ކަނޑައަޅާފައިވާ އިސްވެރިއެއްގެ ބެލުމުގެ ދަށުންނެވެ. އިދާރީ އޮނިގަނޑުގައިވާ ޑިޕާޓްމަންޓްތަކާއި ޔުނިޓްތަކުގެ މައިގަނޑު މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތުގެ ޚުލާސާ ތިރީގައި މިވަނީއެވެ.

ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓް މައިގަނޑު މަސައްކަތްތަކަކީ އޮފީހުގެ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި އޮފީސް ހިންގުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ދިނުމާއި، މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެވެ. މި ޑިޕާޓްމަންޓް އެކުލެވިގެންވަނީ 4 ޔުނިޓެއްގެ މައްޗަށެވެ. މި ޑިޕާޓްމަންޓުގައި ހިމެނޭ ޔުނިޓްތައް ހިންގާ ބަލަހައްޓާނީ ޑިރެކްޓަރ ޖެނެރަލްގެ މަޝްވާރާގެ މަތިން ހެޑް އޮފް ކޯޕަރޭޓް އެފެއާޒްއެެވެ.

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރިސެޕްޝަން ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި، ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ދުވަހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި، ރައީސުލްޖުމުހޫރިއްޔާއަށް ފޮނުވާ ރިޕޯޓް ތައްޔާރުކުރުމާއި، ރަސްމީ ދަތުރުތައް އިންތިޒާމްކުރުމާއި، ޕްރޮކިއުމަންޓާގުޅޭ ކަންކަން ހިންގާ ބެލެހެއްޓުމާއި، މަރާމާތާގުޅޭ ކަންކަން ހިންގާ ބެލެހެއްޓުމެވެ.

މި ޔުނިޓުގެ މައިގަނޑު މަސައްކަތަކީ މުވައްޒަފުން ވަޒީފާއަށް ނެގުމާއި، މުވައްޒަފުންގެ ހާޟިރީ އާއި ޗުއްޓީ ބެލެހެއްޓުމާއި، މުވައްޒަފުންގެ މުސާރަ ދިނުމާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، ޕާފޯމަންސް އެޕްރެއިޒަލް އަދި މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީންތައް ރާވައި ހިންގުމާއި، މުވައްޒަފުންގެ ސުލޫކީ ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެވެ.

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އަހަރީ ބަޖެޓް ތައްޔާރުކޮށް، ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރިއަށްގެންދިއުމާއި، ކޭޝްފްލޯ ޕްލޭން ހެދުމާއި، ތިޖޫރީ ބެލެހެއްޓުމާއި، އާމްދަނީ ފައިސާ ބަލައިގަނެ އާމްދަނީ ހިސާބު ބެލެހެއްޓުމާއި، ބަޖެޓް ހިސާބު ބެލެހެއްޓުމާއި، އާމްދަނީއާއި ޚަރަދުގެ ރިޕޯޓު ތައްޔާރުކުރުމާއި، އަހަރީ މާލީ ހިސާބު ތައްޔާރުކުރުން އަދި އަހަރީ އޮޑިޓް ކުރުމަށް ކުރަންޖެހޭ ކަންކަން ހިންގާ ބެލެހެއްޓުމެވެ. 

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އައިޓީ ޕޮލިސީ އެކުލަވާލައި ތަންފީޒްކުރުމާއި، އައިޓީ ހާޑްވެއަރ/ސޮފްޓްވެއަރތަކުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި، ކޮމްޕިއުޓަރ ނެޓްވާކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ހާޑްވެއަރ އަދި ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، އައިޓީއާއި ގުޅޭތަކެތީގެ ސެޓްއަޕް ހެދުމާއި،  އޮފީހަށް ބޭނުންވާ އެންމެހާ އައިޓީ ސަޕޯޓް ދިނުމާއި، އޮފީހުގެ ޑޭޓާބޭސް އަދި ސްޕްޓްވެއަރތައް ބެލެހެއްޓުމާއި، ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި  ސޯޝަލް މީޑިއާ އެކައުންޓްތައް ބެލެހެއްޓުމުގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ. 

ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތްތަކަކީ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ތަޙްޤީޤުކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި، ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި، ދިރާސާކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމެވެ. މި ޑިޕާޓްމަންޓް އެކުލެވިގެންވަނީ 4 ޔުނިޓެއްގެ މައްޗަށެވެ. މި ޑިޕާޓްމަންޓުގައި ހިމެނޭ ޔުނިޓްތައް ހިންގާ ބަލަހައްޓާނީ ހެޑް އޮފް ޓެކްނިކަލް ސަޕޯޓްސްއެވެ.

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޔުނިޓްގެ މަސައްކަތްތަކާ ގުޅޭ އުސޫލުތައް އެކުލަވާލުމާއި، އޮފީހަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރީކޮށް މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، މައްސަލަތަކުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި، އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުމާއި، އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކަށް ޖަވާބު ދިނުމުގައި އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓްގެ އިދާރީ މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ މަހެއްގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން އަދި ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުންވެސް މި ޔުނިޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމާ ގުޅޭ އުސޫލުތައް އެކުލަވާލުމާއި، އޮފީހަށް ހުށަހެޅޭ އެންމެހާ މައްސަލަތައް ތަޙްޤީޤުކޮށް ތަޙުޤީޤު ރިޕޯޓް އެކުލަވާލުމާއި، މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު ޒިންމާވާ ފަރާތްތައް ޒިންމާދާރުކުރުމަށް ކުރަންޖެހޭ ކަންކަންކުރުމެވެ. މީގެ ތެރޭގައި މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު ޖިނާޢީ ދައުވާ އުފުލަންޖެހޭނަމަ ޕީޖީ އޮފީހަށް ފޮނުވުމާއި، މަދަނީ ދައުވާ އުފުލަންޖެހޭނަމަ އޭޖީ އޮފީހަށް ފޮނުވުމާއި، ބަދަލު ހޯދާދޭންޖެހޭ ނަމަ، އެކަމާގުޅިގެން ކުރަންޖެހޭކަންކަން ކުުރުން އަދި މައްސަލަތަކުގެ ތަޙުޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ނިގުޅައިގަތުމުގެ މައްސަލަތައް ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމުގެ އެންމެހާ މައްސަކަތްތައް ކުރުން ހިމެނެއެވެ.

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މީޑިއޭޝަން އާ ގުޅޭ އުސޫލުތަކާއި ވިކްޓިމް ސަޕޯޓް ދިނުމާ ގުޅޭ އުސޫލުތައް އެކުލަވާލުމާއި، އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޞުލްޙަ ކުރެވިދާނެ ކަމަށް ފެންނަ މައްސަލަތަކުގެ މަސައްކަތްތައް ކުރުމާއި، މީޑިއޭޝަން ސެޝަންތައް ކުރިއަށްގެންދިއުމާއި، ތަޙްޤީޤު ޓިމުން ފޮނުވާ ރިޕޯޓުތައް މުރާޖާކުރުމާއި، މީޑިއޭޝަން ރިޕޯޓު ތައްޔާރުކުރުމާއި، ޞުލްޙަ ކުރުމަށް ފޮނުވާ މައްސަލަތަކުގެ ރިޕޯޓްތަކާއި ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުން އަދި ޞުލްޙަ ކުރުމަށް ކުރާ މަސައްކަތުގައި ހޭލުންތެރިކުރުމާ ގުޅޭ ބައެއް ހިމެނޭ ނަމަ، ޓްރެއިނިންގ އޮފިސަރާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. 

މީގެ އިތުރުން އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއި ހެކިބަސްދޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުމާއި، އަނިޔާ ލިބިފައިވާ ފަރާތްތަކާ ގުޅޭގޮތުން އެހެނިހެން މުއައްސަސާތަކަށް ކުރަންޖެހޭ މުޢާމަލާތްތައް ކުރުން ހިމެނެއެވެ. މީގެ އިތުރުން އެހެން މުއައްސަސާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އަނިޔާ ލިބިފައިވާ ފަރާތްތަކާއި، ހެކިންގެ ރައްކާތެރިކަމާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް ބެލެހެއްޓުންވެސް މި ޔުނިޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އެގްޒެކެޓިވް ޑިޕާޓްމަންޓް

އެގްޒެކެޓިވް ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތްތަކަކީ އޮމްބަޑްސްޕަރސަނުގެ ބައްދަލުވުންތައް ހިންގާ ބެލެހެއްޓުމާއި، އޮމްބަޑްސްޕަރސަނުންގެ އެޕޮއިއިންޓްމަންޓްތަކާއި ދަތުރުތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި، މީޑިއާއާގުޅޭ އެންމެހާ ކަންކަމާއި، އޮފީހުގެ ޕަބްލިކް ރިލޭޝަންގެ ކަންކަން ހިންގާ ބެލެހެއްޓުމާއި، އޮފީހުން ކުރާ ދިރާސާތަކާއި ހިންގާ ތަމްރީނުތަކުގެ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުމެވެ. އެގްޒެކެޓިވް ޑިޕާޓްމަންޓް އެކުލެވިގެންވަނީ 2 ޔުނިޓެއްގެ މައްޗަށެވެ. އެގްޒެކެޓިވް ޑިޕާޓްމަންޓްގައި ހިމެނޭ ޔުނިޓްތައް ހިންގާ ބަލަހައްޓާނީ އޮމްބަޑްސްޕަރސަނުންގެ ބެލުމުގެ ދަށުން ޑިރެކްޓަރ ޖެނެރަލެވެ.

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އޮމްބަޑްސްޕަރސަނުންގެ ބަައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތައް އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުމާއި، އޮމްބަޑްސްޕަރސަނުންގެ ރަސްމީ ދަތުރުތަކާ ގުޅޭ ކަންކަން ކޯޑިނޭޓްކުރުން އަދި ބިއުރޯގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމާއި، އޮފީހުގެ ކޮމިއުނިކޭޝަން އެންޑް ޕީއާރު ސްޓްރެޓެޖީ އެކުލަވާލާ ތަންފީޒުކުރުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ކަންކަން ހިންގާ ބެލެހެއްޓުމާއި، އޮފީހުން ބާއްވާ ނޫސްކޮންފަރެންސްތައް  އިންތިޒާމުކުރުމާގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމާއި، އޮފީހުގެ ވެބްސައިޓް އަދި ސޯޝަލްމީޑިއާ އަޕްޑޭޓްކޮށް ބެލެހެއްޓުމެވެ.

މީގެ އިތުރުން އޮފީހުގެ މަސައްކަތާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރު އަދި ނޫސްބަޔާން ތައްޔާރުކޮށް މީޑިއާތަކަށް ޙިއްޞާކުރުމާއި އާންމުކުރުމާ ގުޅޭ ކަންކަން ހިންގާ ބެލެހެއްޓުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ މަސައްކަތާއި، އޮފީހުން ހިންގާ މީޑިއާ ކެންޕޭންތަކުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން އަދި އޮފީހުން ބާއްވާ ޖަލްސާތަކާއި ޚާއްޞަ އިވެންޓްތަކުގެ މީޑިއާ އާ ގުޅޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އޮފީހުން ކުރުމަށް ކަނޑައަޅާ ދިރާސާތަކާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުމާއި، އޮފީހުން ކުރިއަށްގެންދާ ދިރާސާތަކުގެ ރިޕޯޓްތައް އެކުލަވާލައި އާންމުކުރުމާއި، އޮފީހުން ތަޙްޤީޤުކުރާ މައްސަލަތައް ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަނެ، އެފަދަ ކަންކަން ކުރިއަށް އޮތްތާގައި ނުހިނގާނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ. މީގެ އިތުރުން، ހަނދާނީ ބިނާ ނުވަތަ ދާރުލްއާސާރުފަދަ ތަންތަން ޤާއިމު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއި ހަވާލު ކުރުމުގެ މަސައްކަތްތައް ކުރުމާއި، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޮފީހުން ތައްޔާރުކުރާ ފޮތްތައް ޝާއިޢު ކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާ ހަވާލުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، މީޑިއާތަކާއި ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން އޮފީހުން ހިންގާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އޮފީހުގެ އެހެނިހެން ޔުނިޓުތަކުގެ މަސައްކަތްތަކާ ގުޅިގެން އޮފީހުގެ މުވައްޒަފުންނާއި އޮފީހުގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ކުރިއަށްގެންދަން ޖެހޭ ހޭލުންތެރިކުރުމާއި ތަމްރީން ޕްރޮގްރާމްތައް ދެނެގަނެ، އެ ޕްރޮގްރާމްތައް ރާވައި ހިންގުން މި ޔުނިޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.