
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފި
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ބާއްވަވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމަކީ މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނާއި ޢާއްމު ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.
މިގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފް ވިދާޅުވީ، ޤާނޫނު ނަންބަރ 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު)ގެ ދަށުން މި އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލެއްވުމަށް ނިންމަވާފައި ވަނީ 13 ޖޫން 2021 އިން ފެށިގެން 13 އޯގަސްޓް 2021ގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން، މި އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސް ވިދާޅުވީ، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަޤްޞަދަކަށް ވާނީ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ދައުލަތުގެ މުއައްސަސާތަކުގައި ހިނގާފައިވާ ކަންތައްތައް ދެނެގަނެ، އެފަދަ މައްސަތައް ތަޙުޤީޤުކޮށް، ޙަޤީޤަތާ ހަމައަށް ވާސިލުވުން ކަމަށެވެ. އަދި އެކަންކަން ހިނގާފައިވާ ފުޅާމިނާއި ގޮތްތައް ދެނެގަނެ، ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އޮފީހުން ކުރާނެ ވަރަށް މުހިންމު މަސައްކަތެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ ދެއްކެވި ވާހަކަފުޅުގައި، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި، ތަޙުޤީޤު ކުރުމަށްފަހު އެންމެ އިސްކަމެއް ދޭންވާނީ ޞުލްޙަކުރުމަށް ކަމުގައި ޤާނޫނުގައި ބަޔާންވެގެންވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޞުލްޙަ އާއި ހަމަޖެހުން ޤާއިމުކުރުމަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިރެކްޓަރ އޮފް ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓް، އަލްއުސްތާޛާ ފާތިމަތު ނަފްޢަތު ޢަބްދުލްވައްޙާބް ވިދާޅުވީ، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މީޑިއާ ކެމްޕެއިނެއް ކުރިއަށްގެންދަވާ ކަމަށާއި، މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި އޮފީހުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތާއި، އޮފީހުގެ އިޚްތިޞާޞް ހިމެނޭ މައްސަލަތަކަކީ ކޮބައިކަމާއި، އޮފީހުގެ ޚިދުމަތްތައް ހޯދާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވުން ކަމުގައެވެ.
ޤާނޫނު ނަންބަރު 2020/28 (އިންތިޤާލީ އިންސާފުގެ ޤާނޫނޫ)ގެ ދަށުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުފައްދަވާފައި ވަނީ 17 ޑިސެންބަރު 2020 ވަނަ ދުވަހުއެވެ. މި އޮފީހަކީ، 01 ޖަނަވަރީ 1953 އިން 17 ނޮވެންބަރު 2018 އާ ދެމެދު، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއަކު، ނިޒާމީ ސިފައެއްގައި ރާވާއިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތައް ތަޙުޤީޤުކޮށް، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަޤްޞަދުގައި އުފައްދަވާފައިވާ އޮފީހެކެވެ