އެމެރިކާގެ އެމްބަސީން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އޮންލައިންކޮށް ގޫގުލް މީޓް މެދުވެރިކޮށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އޮމްބަޑްސްޕަރސަނުން ވަނީ އެމެރިކާގެ އެމްބަސީގެ ބޭފުޅުންނަށް، އޯ.ޓީ.ޖޭގެ ދައުރާއި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދެއްވައިފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގައި އިންތިޤާލީ އިންސާފުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި 13 ޖޫން 2021 އިން ފެށިގެން މި އޮފީހާސް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން، މުސްތަޤުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، މި އޮފީހުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމުގައި އެމެރިކާގެ އެމްބަސީގެ ފަރާތުން ފަންނީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މި އޮފީހުގެ ފަރާތުން ޗީފް އޮމްބަޑްސްޕަރސަން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢާރިފާއި، އޮމްބަޑްސްޕަރސަން، އަލްއުސްތާޛާ ޖިހާދާ އަނީސާއި، އޮމްބަޑްސްޕަރސަން، އަލްފާޟިލާ މަރިޔަމް ލައިޒާ އާއި، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙުމަދު ޔާމީން އަދި ޑިރެކްޓަރ އޮފް ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓް، އަލްއުސްތާޛާ ފާތިމަތު ނަފްޢަތު ޢަބްދުލްވައްޙާބް ބައިވެރިވެވަޑައިގެންނެވިއެވެ