އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދައިން 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތައް، މިއަދުން ފެށިގެން 13 އޮގަސްޓް 2021 ވަނަ ދުވަހުގެ ނިޔަލަށް މި އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އިން އާންމުކޮށް ހުޅުވާލައިފިއެވެ.

އޯ.ޓީ.ޖޭ އިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ޤާނުނު ނަންބަރު 2020/28 (އިންތިޤާލީ އިންސާފުގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާފަދަ މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މި އޮފީހުގެ “މައްސަލަ ހުށަހަޅާ ފޯމް” އަދި ބަދަލު ހޯދުމަށް އެދިވަޑައިގަންނަވާނަމަ، “ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް” ފުރިހަމަކުރައްވައި، މި ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު، އޯ.ޓީ.ޖޭގެ އީމެއިލް އެޑްރެސް complaints@otj.gov.mv އަށް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، މައްސަލަ ހުށަހަޅާ ފޯމާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އެ އޮފީހުގެ ވެބްސައިޓް www.otj.gov.mv  އިން ލިބިވަޑައިގަންނަވާނެ ކަމަށާއި، ކޮވިޑް-19 އާ ގުޅިގެން މިހާރު ބަންދުކޮށްފައިވާ ދައުލަތުގެ އޮފީސްތައް ހުޅުވުމާއެކު، ރަސްމީ ގަޑީގައި އޮފީހަށް ހާޟިރުވެ މައްސަލަ ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި އޯ.ޓީ.ޖޭ އިން ވިދާޅުވެފައި ވެއެވެ.

އަދި، މައްސަލަތައް ހުށަހެޅުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އޮފީހުގެ ނަންބަރު 7337486 އަށް ގުޅުއްވުމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 2020/28 (އިންތިޤާލީ އިންސާފުގެ ޤާނޫނު)ގެ ދަށުން، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކުރައްވާ މަސައްކަތުގައި، ދައުލަތުގެ އިދާރާތަކުގެ އެއްބާރުލެއްވުން ލިބިވަޑައިގެންނެވުމަކީ އޮފީހުގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އޮފީހުގެ މަސައްކަތްތަކަށް ޢާއްމުންނާއި، މަދަނީ ޖަމިއްޔާތަކާއި މީޑިއާތައް އަދި މިނޫންވެސް ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށް އެ ބަޔާނުގައި އޯ.ޓީ.ޖޭ އިން އެދިވަޑައިގެންފައިވެއެވެ.