ޕަބްލިކް ހިއަރިންގްތައް ބޭއްވުމުގެ މަޤްޞަދުތައް
އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހާމަކުރުން
އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއެޅުން
މާޒީގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު މައްސަލަތަކުގެ ޙަޤީޤަތް ހާމަކުރުން
މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ މައްސަލަތަކުގެ މަޢުލޫމާތު އާންމުންނާ ހިއްސާކުރުން
އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކަށް އާންމުން ހޭލުންތެރިކުރުވުން
އޮފީހުން ތަޙުޤީޤުކުރާ މައްސަލަތަކާއި ކުރާ ދިރާސާތަކަށް މަޢުލޫމާތު ހޯދުން
ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދެވޭނީ ކޮން ފަރާތްތަކަކަށްތޯ؟
ޕަބްލިކް ހިއަރިންގ ކުރިއަށްގެންދާ މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކާއި، އެ ހާދިސާގެ މަޢުލޫމާތު ޙިއްސާކުރެވޭނެ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ފަރާތުން މަޢުލޫމާތު ދެއްވުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ވާހަކަތައް ޢާންމުންނާ ޙިއްސާކުރުމުގެ ފުރުޞަތު ލިބިދެވޭނެއެވެ.
ޕަބްލިކް ހިއަރިންގތަކުގައި ބައިވެރިވާންވީ ކީއްވެ؟
ޕަބްލިކް ހިއަރިންގ މެދުވެރިކޮށް ހާދިސާގައި ކަން ހިނގައިދިޔަ ގޮތް އެމީހެއްގެ އަމިއްލަ ނަޒަރުން ޢާންމުންނަށް ކިޔައިދިނުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި ޕަބްލިކް ހިއަރިންގތަކުން އެ ހިއަރިންގ ކުރިއަށްގެންދާ މަޢުޟޫއަކާ ގުޅޭ މަޢުލޫމާތު ސާފުވެގެންދެއެވެ. މީގެއިތުރުން، ހާދިސާއާ ގުޅޭގޮތުން ގިނަ ފަރާތްތަކުގެ ވާހަކަތައް ޙިއްސާކުރުމުން ޙަޤީޤަތަށް ވާސިލްވުމަށް ފަސޭހަވެގެންދާނެއެވެ.
ޕަބްލިކް ހިއަރިންތަކުގައި ބަޔާންދޭ ފަރާތްތަކަށް ލިބިގެންވާ ރައްކާތެރިކަމަކީ ކޮބާ؟
ޕަބްލިކް ހިއަރިންގައި ބަޔާންދޭ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ޕަބްލިކް ހިއަރިންގ ފެށުމުގެ ކުރިންނާއި ފަހުންވެސް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، މި އޮފީހުގެ ވިޓްނެސް ޕްރޮޓެކްޝަން އުޞޫލާއި ވިކްޓިމް ސަޕޯޓް ފޯރުކޮށްދިނުމުގެ އުޞޫލާ އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި، ޕަބްލިކް ހިއަރިންގ ކުރިއަށްދާ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމުތައްވެސް ވާނީ ހަމަޖެހިފައެވެ.
ޕަބްލިކް ހިއަރިންގތަކުގައި ބައިވެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތަކަކީ ކޮބާ؟
• ބަޔާންދޭ ފަރާތްތަކުން ޞައްޙަ، ތެދު މަޢުލޫމާތު ދިނުން.
• ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދޭ ފަރާތްތަކުންނާއި، މީޑިއާތަކުންނާއި، ޕަބްލިކް ހިއަރިންގ އަޑުއަހަން އަންނަ ފަރާތްތަކުންވެސް އަދަބު އިޙްތިރާމާއެކު އެކަކު އަނެކަކާ މުޢާމަލާތްކުރުން.
• ޕަބްލިކް ހިއަރިންގެ މޮޑަރޭޓަރާއި، ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން.
ޕަބްލިކް ހިއަރިންގތަކުން މުޖުތަމަޢަށް ލިބޭނެ ފައިދާ އަކީ ކޮބާ؟
ޕަބްލިކް ހިއަރިންގއެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް ޢާންމުކޮށް ހާމަކުރުމެވެ. މި ވާހަކަތައް ކިޔައިދިނުމުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދާނެއެވެ. އަދި މި އަޑުއެހުންތައް މެދުވެރިކޮށް މުޖުތަމަޢުގެ ތެރޭގައި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކަށް ޢާންމުން އިތުރަށް ހޭލުންތެރިވެ، މިފަދަ ޢަމަލުތައް ތަކުރާރިވިޔަނުދިނުމަށް ބާރު އެޅިގެންދިއުމާއެކު، އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރާ މުޖުތަމަޢުއެއް ބިނާވެގެންދާނެއެވެ.