އިންސާފު
އިންތިޤާލީ އިންސާފުގެ ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އަނިޔާވެރިކަމުގެ ސަޤާފަތް ނައްތާލައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުން ހިމެނެއެވެ.
އޯޓީޖޭގެ އިޚްތިޞާސްގެ ތެރޭގައި ހިމެނެނީ 01 ޖަނަވަރީ 1953 ން 17 ނޮވެންބަރު 2018 އާ ދެމެދު، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއް އިސް ހިންގުންތެރިއަކު، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ. މީގެ އިތުރުން، އޯޓީޖޭ އިން ބަލަމުންދާ މައްސަލައެއްގައި ޖިނާއީ ތުހުމަތެއް އެކުލެވޭނަމަ، އެފަދަ މައްސަލަތައް ބެލުމުގެ ބާރުވެސް ލިބިގެންވެއެވެ.
އޯޓީޖޭ އިން ތަޙްޤީގުކުރާ މައްސަލައެއްގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަހްޤީގު ފުރިހަމަވުމާއެކު، ދަޢުވާ ކުރުމަށް އެކަށީގެންވާ ހެކި ހުރިނަމަ، އެފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވޭނެއެވެ. އަދި މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވޭނެއެވެ. އެހެންނަމަވެސް މިގޮތަށް ދައުވާކުރުމަށް ފޮނުވުމުގެ ކުރިން ދެފަރާތް ވާހަކަ ދައްކައިގެން ސުލްޙަކުރެވެން ހުރި އެންމެހައި ގޮތްތައް ހޯދައި ސުލްޙަކުރުވުމަށް އޯޓީޖޭ އިން މަސައްކަތް ކުރާނެއެވެ.
ބަދަލު ހޯދައިދިނުމާއި ފަރުވާ ދިނުން
އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރ 28/2020) ގެ މަޤްޞަދަކީ ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ޙައްލުތައް ނުވަތަ އިންސާފު ހޯދަދިނުމެވެ. އަދި އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރ 28/2020)ގެ ދަށުން, ހާލަތަށް ބަލައި, އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންތިޤާލީ އިންސާފުގެ ޤާނޫނުގެ 39 ވަނަ މާއްދާއިން 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްލުތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ހައްލު ހޯދަދޭންވާނެއެވެ. އިންތިޤާލީ އިންސާފުގެ ޤާނޫނުގެ 39 ވަނަ މާއްދާއިން 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްލުތަކަކީ;
ނިގުޅައިގަނެފައިވާ ޙައްޤެއް އަނބުރާ ހޯދައިދިނުން-
ލިބުނު އަނިޔާތަކަށް ބަދަލު ހޯދައިދިނުން-
-އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާއާއި އެހީތެރިކަމުގެ ޕްރޮްގްރާމްތައް ހިންގުން-
ހުށަހެޅޭ މައްސަލަތަކުގެ އަލީގައި ޖިނާއީ ދަޢުވާއެއް ކުރަން ޖެހިއްޖެ ޙާލަތެއްގައި، ދަޢުވާ ކުރުމަށް ފޮނުވުން –
އަނިޔާ ލިބުނު ފަރާތްތަކުގެ ހަނދާނުގައި ހަނދާނީ ބިނާ ހެދުމާއި، ފޮތްތައް ޝާޢިޢުކުރުން
ޙަޤީޤަތާ ހަމައަށް ވާސިލްވުން
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ތަޙުޤީޤުތަކުން 1953 އާއި 2018 ވަނަ އަހަރާ ދެމެދު ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކުގެ ޙަޤީޤަތާ ހަމައަށް ވާސިލްވުމަށް އެހީތެރިވެދޭނެއެވެ.
މިގޮތުން ހަޤީގަތަށް ވާސިލުވުމުގައި އަނިޔާ ލިބުނު ފަރާތްތަކާއި ހެކިންގެ ބަޔާން ނެގުމާއި، މައްސަލަތައް ދިރާސާކޮށް އިންސާނީ ހަޢްގެއް ނިގުޅައިފައިވޭތޯ ބެލުމާއި އެމައްސަލަަތަކުގެ ސަބަބާއި އެއިން ނިކުތް ނަތީޖާ ބެލުމާއި، އާންމުކޮށް ހުޅުވާލައިގެން އަޑު އެހުންތައް ބޭއްވުމާއި އެހެނިހެން ހޭލުންތެރި ޕްރޮގްރާމްތައް ބޭއްވުމާއި މައްސަލަތަކާއި ގުޅިގެން އެމައްސަލައެއްގައި ފާހަގަވި ކަންކަމާއި އަޅަންޖެހޭ ކަމަށް ފެންނަ ފިޔަވަޅުތަކުގެ ފައިނަލް ރިޕޯޓް ތައްޔާރުކޮށް ނެރުން ހިމެނެއެވެ.
މީގެ އިތުރުން، އޯޓީޖޭ އިން މަަސައްކަތްކުރަނީ ކުރިން ހިންގާފައިވާ ޢަމަލެއްގެ ސަބަބުން އިންސާނީ ހައްޤެއް ނިގުޅައިގެންފައިކަމަށް ބެލެވޭ މައްސަލަތަކުގެ ހަޤީގަތް ހޯދުމަށާއި، މިފަދަ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ޙައްލު އެފަރާތްތަކަށް ހޯދައި ދިނުމަށެވެ. މިގޮތުން މާއްދީ ގޮތުންނާއި ރަމްޒީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމާއި ހަނދާނީ ބިނާތަކާއި މިއުޒިއަމްތައް ބިނާކުރުން ހިމެނެއެވެ.
މުއައްސަސާތައް އިޞްލާހުކުރުން
އިންތިޤާލީ އިންސާފުގެ ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އަނިޔާވެރިކަމުގެ ސަޤާފަތް ނައްތާލައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން، ޖަވާބުދާރީކުރުމުގެ ނިޒާމުތައް ހަރުދަނާކޮށް، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ފަރުވާ އާއި ބަދަލު ހޯދައިދިނުމުގެ އޮނިގަނޑެއް އެކުލާވަލައި، މުސްތަޤުބަލުގައި މިފަދަ ޢަމަލުތަށް ތަކުރާރު ނުވާނެކަން ކަށަވަރުކުރާނެ ފިޔަވަޅުތަކެއް ކަނޑައެޅުންވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޤާނޫނުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ހުށަހެޅޭ ހުށަހެޅުންތަކުގެ މަޤްޞަދަކީ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތައް ހިންގާފައިވާ މުއައްސަސާތައް އިޞްލާޙުކުރުމެވެ. މިގޮތުން މުއައްސަސާތައް އިޞްލާޙުކުރުމަށްޓަކައި ހުށަހެޅޭ ހުށަހެޅުންތަކުގެ ތެރޭގައި މުއައްސަސާތަކުގައި ހެދިފައިހުރި ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކުރުން ހިމެނެއެވެ.
މީޑިއޭޝަން
އަނިޔާ ލިބިފައިވާ ފަރާތްތަކާއި އަނިޔާދިން ފަރާތްތަކާ ދެމެދު ޞުލްޙަ އާއި ހަމަޖެހުން ޤާއިމުކުރުމަކީ މި އޮފީހުގެ އެންމެ މުހިންމު އަދި ގޮންޖެހުން ބޮޑު މަސައްކަތަށް ވެގެންދާނެއެވެ. މި މަސައްކަތް ފެށިގެން އަންނަނީ އުދަނގޫ އަދި ސިޔާސީ މާޙައުލެއްގައި އަނިޔާ ލިބުނު ފަރާތާއި އަނިޔާދިން ފަރާތަކީ ކޮބައިކަން ދެނެގަތުމަށްފަހުގައެވެ. އަދި އަނިޔާ ދިން ފަރާތާއި އަނިޔާ ލިބުނު ފަރާތާ ދެމެދު ޞުލްޙަ ޤާޢިމުކުރުމުގެ މަސައްކަތް މި ނިޒާމުގެ ތެރެއިން ކުރެވިގެންދާނެއެވެ.
ވިކްޓިމް ސަޕޯޯޓް
އަނިޔާ ލިބުނު ފަރާތާމެދު ޢަމަލުކުރަން ޖެހެނީ އެފަރާތުގެ ޤަދަރަށާއި އިންސާނީ ޙައްޤުތަކަށާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިންނެވެ. އަދި އެފަރާތްތަކަށާއި އާއިލާއަށް ލިބެން ޖެހޭ ރައްކާތެރިކަމާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އަދި ޒާތީ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން ކަށަވަރުކުރެވޭނެއެވެ. އަދި އޮފީހުން ބަލަމުންދާ މައްސަލައެއްގައި އަނިޔާ ލިބިފައިވާ ފަރާތަށް ހިމާޔަތްދިނުމާއެކު، އެ ފަރާތްތައް ރީވިކްޓިމައިޒް ނުވާނެފަދަ ގޮތަކަށް މަސައްކަތް ކުރުމާއެކު، އެފަދަ ކަންތައްތަކުން އަރައިގަތުމަށްޓަކައި އެފަރާތްތަކަށް ދޭންޖެހޭ ނަފްސާނީ ފަރުވާ އާއި ހައްލު ހޯދައި ދެވޭނެއެވެ.